Wednesday, 6 August 2008

އެކެޑަހަ، މިކަލް މިކެޑަހަ، ދެކަލް ދެކެޑަހަ ” މިއީ އައްޑުއާ ހުވަދޫް ގުޅިގެން ރާއްޖޭގެ ދެކުނުގައި ގެނައި ބަޣާވާތުގައި ފުވައްމުލަކު މީހުން ޢަމަލު ކުރި ގޮތަށް ބިނާ ކޮށް އެދެ އަތޮޅު މީހުން ފުވައްމުލަކު މީހުނަށް ޖަހައި އުޅުނު ހަޖުލެކެވެ

އައްޑު އާ ހުވަދޫ ގުޅިގެން އުފެއްދި ޔުނައިޓެޑް ސުވާދީބު ސަރުކާރުގައި ފުވައްމުލައް، ކޮންމެވެސް ސިފައެއްގައި ބައިވެރި ވިއެވެ. މި ބަޣާވާތް ރޫޅާ ލުމަށްޓަކައި ދައުލަތުން ހަމަޖެއްސެވި މަންދޫބު، ފުވައްމުލަކަށް އުފަން ފުވައްމުލަކުގެ ދަރި އެއްކަމުގައިވާ އިބްރާހިމް ނާސިރު ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ވާހަކަ ފުޅު ދެއްކެވުމަށްފަހު ފުވައްމުލައްއަޮތީ ދިވެހި ސަރުކާރަށް ބޯ ލަނބައިގެންނެވެ. ނަމަވެސް ދޭތެރެޔަކުން އަނެއްކާވެސް އައްޑުން އައި ބަޔަކު އައިސް ވެރިންނަށް އަނިޔާ ކޮށް ވެރިކަން އައްޑޫ ކޮޅަށް އެނބުރިއެވެ.



މިޔާ ގުޅިގެން ދެން ހިނގައިދިޔަ ހާދިސާތަކާ އެއިގެ ނަތީޖާއެއްގެ ގޮތުން ފުވައްމުލަކުގައި އޮހޮރިގެން ދިޔަ ލޭތަކުގެ ހަނދާން އަދި އަދަށްވެސް ރަށުގެ ފަސްގަނޑުގައި ވަނީ ހަރުލައިފައެވެ. އައްޑުއަކަށް ބަޑިއެއްވެސް ނުޖަހައެވެ. އެއަތޮޅަކުން މީހަކުވެސް މަރެއް ނުވެއެވެ. އެމީހުން ތިބީ އިނގިރޭސިންގެ ފުރިހަމަ ހިމާޔަތުގައެވެ. މަރުވީ ފުވައްމުލަކުގެ ދަރިންނެވެ. ހުވަފަތް ވީއެމީހުންގެ އަނބިންނެވެ. ޔަތީމުވި ދަރިންގެ ފަޅު ހަޔާތް އެމީހުންނާ އެކު އަދި އަދަށްވެސް ދެމިގެން އެވަނީއެވެ. އެހެންކަމުން ” އެކަލް އެކެޑަހަ، މިކަލް މިކެޑަހަ” ޖެހުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް މުހިންމީ ކޮން ގޮތެއްކަން ރަށުގެ ރައްޔިތުންނަށް އެހިސާބުން ފެށިގެން ވިސްނެން ޖެހެއެވެ.

ތާރީޚީ ގޮތުން ބަލާއިރު ފުވައްމުލަކަކީ ދިވެހި ރާއްޖޭގެ ރަށްތަކުގެ ތެރެއިން ތަރައްގީގެ ގޮތުން އެންމެ ކުރީ ސަފުގައި އޮތް އެއް ރަށެވެ. އެންމެ ކައިރީގައި އޮތް އައްޑުއަތޮޅާއި ހުވަދު އަތޮޅަށް ވުރެވެސް ތަނަވަސްކަމާއި ތިޔާގިކަން ރަށުގައި ބޮޑެވެ. ޢިލްމީގޮތުން ފުންނާބު އުހެވެ. ތަރައްގީގެ މިހަގީގަތަށް ބަދަލު އައީ އިނގިރޭސިން އައްޑު އަތޮޅުގައިވައިގެ ސިފައިންގެ މަރުކަޒެއް ގާއިމް ކޮށް އެއަތޮޅުގައި ވަޒީފާގެ ފުރުސަތު ތަނަވަސް ވެގެން ދިޔުމާ ގުޅިގެންނެވެ. އެހިސާބުން ރާއްޖޭގެ އެކި ހިސާބު ތަކުން މީހުން އެއަތޮޅަށް ޖަމާވާން ފެށިއެވެ. ބޭސް ފަރުވާޔަށާއި އާމްދަނީ ހޯދުމަށް މަސައްކަތް ކުރުން ފަދަ ކަންކަމުގައެވެ. ފުވައްމުލަކު މީހުންވެސް މީގެތެރޭގައި ހިމެނުނެވެ.

ދުނިޔެ ދުށް ބޮޑު ހަނގުރަމަތަކުގެ ތަދުމަޑުކަމުގައި ދެކުނުގެ އަތޮޅުތަކަށް ކާ ބޯ ތަކެތިގެ އެހީތެރިކަން ފޯރުކޮށްދިން ފުވައްމުލަކުގެ ރައްޔިތުން އައްޑު އަތޮޅަށް ދާން ފެށުމުން “ކޭވައްފެން ބަނޑޮ” ފަދަ ބަސް ބަހުން އެމީހުނަށް ނިސްބަތްކޮށް އުޅުނެވެ. އައްޑޫގައި އަޅުގަނޑުމެން ހިމެނިގެން ދިޔައީ ދެވަނަ ދަރަޖައިގެ މީހުންގެ ގޮތުގައެެވެ.މިޒަމާނުގައި މަސައްކަތު ގެންގުޅޭ ބަންގާޅިންނެކޭ އެއްފަދައިންނެވެ. އިނގިރޭސިންގެ ފަރާތުން އައްޑުއަށް ލިބުނު ތަނަވަސްކަމާއެކު ފުނިޖެހެމުންދިޔަ އިމާރަތް ކުރުން ފަދަ ކަންކަމުގައި ފުވައްމުލަކު ރައްޔިތުން ހަރަކާތްތެރި ވަމުން ގެންދިޔައެެވެ. މާ ބޮޑު އަގަކަށް ނޫނެވެ. އައްޑު އަތޮޅުގެ ބައެއްހަރުގެތަކުގައި ކޭމްޕް ކޮށްގެން ގާނެގުންފަދަ މަސައްކަތް އަޅުގަނޑުމެންގެ ކާބަފައިން ކުރަމުން ގެންދިޔައެވެ. ޢިމްރާނީ ގޮތުންނާއި ތަޢުލީމީ ގޮތުން އައްޑުއަށް ލިބެމުން ދިޔަ ކުރިއެރުން އެދުވަސްވަރު ފުވައްމުލަކު ރައްޔިތުން އެއްވެސް ވަރަކަށް ހިއްސާ ކުރިކަމަކަށް ދެންނެވޭކަށް ނެތެވެ.

ޒަމާން ބަދަލުވެ ހަތްދިހައިގެ ކުރީކޮޅު އިނގިރޭސިން ގަމުން ފޭބީ އައްޑޫގެ ރައްޔިތުންނަށް ހައިރާންކަމެއްގެނުވާފައެވެ. އިނގިރޭސިންގެ ފަރާތުން ލިބެމުން އައި އާމްދަނީގެ މައްޗަށް ބިނާވެގެން ތިބި އައްޑޫމީހުނަށް ވަގުތީ ގޮތުން ނަމަވެސް ކުރިމަތިވި ތަދުމަޑުކަމުގެ އަސަރު ފުވައްމުލަކަށް ވެސް ކޮންމެވެސް ވަރަކަށްް ނުކުރަޔެކޭ ނުދެންނެވޭނެއެވެ. މިދަނޑިވަޅުގައި އައްޑު މީހުންނެކޭ އެއްފަދައިން ފުވައްމުލަކު މީހުން ވެސް މިސްރާބު ޖެހީ މާލެޔާދިމާޔަށެވެ. ވަގުތަކީ ރާއްޖޭގެޓުއަރިޒަމް އިންޑަސްޓްރީ ފެށިގެން އައި ދުވަސްވަރު ކަމުން ކޮންސްޓްރަކްޝަން ފަދަ މަސައްކަތަށް ފުވައްމުލަކު މީހުންގެ ބޭނުން ހިފުނީ ނުލާހިކު ބޮޑަށެވެ. މިހިސާބުން ފުވައްމުލަކުގެ މިޒަމާނުގެ ޢިމްރާނީ ތަރައްގީ ފެށުނީ ކަމުގައި ދެންނެވިދާނެއެވެ.

ތަރައްގީގެ މިންގަނޑުތަކުން މިންއަޅައިގެން ވަޒަން ކޮށްފިނަމަ ފާއިތުވި ތިރީހަކަށް އަހަރު ފުވައްމުލަކަށް އައި ތަރައްގީ އެރޮނގުން އައްޑުއާ އަޅާ ކިޔާއިރު އުޅެނީ މާ ކުޜީގައެވެ. މީގެ ތެރޭގައި އިމްރާނީ ތަރައްގީއާ އެކު ތައުލީމީ ރޮނގުން ލިބިގެން ދިޔަ ކުރި އެރުން ވެސް ފާހަގަ ކޮށް ލެވެއެވެ.

މުޅިރާއްޖެއިން ޖޭ އެސް ސީ އިން ޖެހި ޖެހިގެން އެތައްފަހަރަކު އެއްވަނަ ހޯދުމަށް ފަހު ގްރޭޑް އަށެއް އުފެއްދުމަށް ފުވައްމުލަކުގެ ދަރިން ކުރިކެމްޕެއިން ކާމިޔާބުވެ ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ގްރޭޑް އަށެއް އުފެއްދުން ވެގެން ދިޔައީ ރާއްޖެތެރެޔަށް ސެކަންޑަރީ އެޑިޔުކޭޝަން ތަޢާރަފް ވުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމުގައެވެ.އެހެނަސް ރާއްޖެތެރެއިން އެންމެ ފުރަތަމަ ޖީސީ އީ ހަދާ ރަށް ކަމުގައި ވުމުގެ ޝަރަފުން ފުވައްމުލަށް މަހުރޫމް ވީ އައްޑު އަށް ވުރެ ކުރިން އެކަން ވިޔަނުދޭން ނުފޫޒު ހުރިފަރާތްތަކަކުން ކުރި މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެން ކަމުން އަޅުގަނޑުމެނަށް ޖެހުނީ އައްޑޫ ތައްޔާރުވަންދެން އަޅުގަނޑުމެންގެ ކުދިންކޮޅު ގްރޭޑް ދިހައެއްގައި ރިޕީޑް ކުރާށެވެ. މިއީ ތާރީޚުގެ ސަފްހާތަކުގެ ތެރެއަށް ބަލާލުމުން ފެންނަ ހަގީގަތް ތަކެކެވެ.

ތާރީޚުގެ ވާހަކަ ދައްކާއިރު ބަލާލަންޖެހޭ އެހެން ޕޮއިންޓެކެވެ. ދިވެހިންގެ އެންމެ އެވޭލާ ޒަމާނުގެ ތާރީޚަށް ބެލިކަމުގައި ވިޔަސް ފުވައްމުލައް ނުވަތަ ޏ. އަތޮޅު މުލައް މިއީ ދިވެހި ރާއްޖޭގެ ވެރިކަމުގެ އެޑްމިނިސްޓްރޭޓިވް އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅު ކަމުގައި ނެތް ދުވަސްވަރެއް ނުދެއެވެ. އެހެނަސް އައްޑުއަށް ނިސްބަތް ވެ ވަޑައި ގަންނަވާ މަރުހޫމް މުޙަންމަދު އިބްރާހިމް ލުޠުފީ ލިޔުއްވާ ގޮތުން ނަމަ މުހަންމަދު އަމީނުގެ ވެރިކަމުގައި ރަށުގެ ނަމުގެ ކުރިޔަށް ފުވައް، ނުވަތަ ފޯއްް އިތުރު ކުރުމުގެ ކުރިން ރަށަށް ކިޔައި އުޅެނީ އައްޑޫ މުލަކެވެ. ރަށް ހިންގައި އުޅެނީ އައްޑޫގެ ދަށުންނެވެ. މިކަން ބަދަލު ވެ ރަށުގެ ފުރަތަމަ އަތޮޅުވެރިޔަކަށް ހަމަ ޖެހުނު ފަރާތަކީ ލުޠުފީ ސިފަކުރައްވާ ގޮތުންނަމަ ލުޠުފީ އެވެ. މިޚިޔާލު މޮޑިފައި ކޮށް އައްޑުއާ ފުވައްމުލައް އެއް މެނޭޖް މެންޓަކުން ހިންގުމުގެ ޚިޔާލު އައްޑޫގެ ބައެއް ނޫސްވެރިން އިންޓަނެޓްގައި ފާޅު ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

މިހުށަހެޅުމަށް ރަސްމީ ސިފައެއް ޖެހިގެން ނިކުތީ ޑޮކްޓަރ ޙަސަން ސައީދުގެ ހަތަރުސިޓީ ޕްލޭން، ނުވަތަ އޭނާގެ ރިޔާސީ މެނިފެސްޓޯ ގައެވެ. އޭގައި ވާ ގޮތުން ނަމަ އައްޑުއަކީ ހުރިހާ ޚިދުމަތެއްވެސް ލިބެން ހުންނާނެ ތަނެކެވެ. ބޭސްފަރުވާޔާ ތައުލީމާ އެނޫންވެސް ޒަރޫރީ ހުރިހާ ބޭނުމެއް މާލެޔަށް ވުރެވެސް ފުރިހަމަ ކޮށް އައްޑޫން ލިބެން ހުންނާނެއެވެ. ފުވައްމުލަކު ރައްޔިތުން ބޭނުންނަމަ އެޚިދުމަތް ހޯދަން އައްޑުއަށް ދާންވީއެވެ.

ކައްޓެޅީގެ ނޫސްވެރިޔާ ޝާހު، ހަސަނުގެ ވެރިކަމުގައި ފުވައްމުލަކަށް ކިހާ ސަމާލުކަމެއް ދެއްވާނެތޯ ކުރި ސުވާލަށް ހަސަނަށް އެކަށިގެން ވާ ޖަވާބެއް ނުދެވުނީ އެހެން ވީމައެވެ . އެއީހަސަން ވިސްނާފައި އޮތް ކަމެއްނޫނެވެ. ސުވާލަކީ އިނގިރޭސިންގެ ޒަމާނުގައި ދެކުނުގައި އައްޑޫ މީހުން ހިންގި “ވެރިކަމުގެ” ދަށަށް އަލުން ރުޖޫއަ ވާން އަޅުގަނޑުމެން ރުހެން ވީހެއްޔެވެ. ނޫން ކަމަށް ވާނަމަ އެކަމަށްޓަކައި ފިޔަވަޅު އަޅަން ވީ ވަގުތު މިވަނީ ކުޑަތަން ވެފައެވެ.

No comments: